ކ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރަމުން ދިޔަ މަސައްކަތްތައް ފެލިވަރަށް ވަގުތީގޮތުން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި، މިމަހުގެ ފަހުކޮޅު މަސައްކަތް ފެށޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފިއެވެ.
ކަނޑުއޮތްގިރި ފެސިލިޓީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއަށް (އެމްއެންޑީއެފް)އަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ. ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ހުސްކުރަންޖެހެއެވެ. އަދި، މިފްކޯއިން ދަނީ، އެރަށް ހުސްކޮށް، އެރަށުގައި ކުރަމުންދިޔަ މަސައްކަތްތައް ފެލިވަރުގެ ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.
މިފްކޯއިން މިއަދު ބުނީ އޮޕަރޭޝަން ފެށުމަށް އަދިވެސްް ދެ ހަފްތާ ނަގަނެކަމަށާއި، މިމަހުގެ ފަހުކޮޅުގެ ތެރޭގައި މަަސައްކަތް ފެށޭވަރުވާނެކަމަށެވެ. އަދި،ކަނޑުއޮތްގިރި ރިލޯކޭޓްކުރުމުގެ މަސައްކަތުގެ 90 އިން ސައްތަ މިހާރު ނިމިފައިވާކަމަށް މިފްކޯއިން ބުންޏެވެ.
އެކުންފުނިން ބުނީ، މިހާރު މި ކުރަމުންދަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު ކަނޑުއޮތްގިރިުން ބޭލުމުގެ މަސައްކަތްކަމަށާއި، އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެކަމަށެވެ. އަދި މިމަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ މުއްދަތު އިތުރުކުރުމަށް އެމްއެންޑީއެފާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރީ އެރަށުގައި، މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިދޭގޮތަށް ކަމަށެވެ. މިފްކޯއިން ބުނީ ވަކި ބިމެއް އަދި ހަމަނުޖެހޭކަމަށާއި، ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާ އެކު ބިން ހަމަޖެއްސުމުގެ މަޝްވަރާ ކުރަމުންދާކަމަށެވެ.
”އުންމީދު އެބައޮތް ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް. އެކަން ހަމަޖެހެނުހާ އަވަހަކަށް މީޑިއާތަކަށް ހާމަކުރާނަން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން މީގެ ކުރިން ބުނެފައިވަނީ، ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އެކުންފުންޏަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި،އެކަމަށް ހަރަދުތަކެއް ހިނގި ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން ނިންމީކަމަށް މިފްކޯއިން ބުނެފައި ވެއެވެ.



