ފުލުހުން މިހާރު ކުރިއަށްގެންދާ ޚާއްސަ ޓްރެފިކް އޮޕަރޭޝަންތަކުގައި، މިދިޔަ 3 ދުވަހު މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ ދަށުން މިދިޔަ 3 ދުވަހު، 291 އުޅަނދު ބަލައިފާސްކޮށް މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
”އެއީ ހުޅުމާލެއިން ހަތަރުފުރޮޅުލީ 30 އުޅަނދު، 229 ސައިކަލު އަދި މާލެއިން ހަތަރުފުރޮޅުލީ 10 އުޅަނދާ 22 ސައިކަލު.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ ތެރެއިން 55 އުޅަނދަކަށް، އަދި މާލެއިން 22 އުޅަނދެއްގެ ވެރިންނަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އެއީ، ހަތަރުފުރޮޅުލީ 5 އުޅަނދާއި، 72 ސައިކަލުކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަންތަކުގައި ފުލުހުންވަނީ، ނުރައްކާތެރިކޮށް ދުއްވައިގެން 9 އުޅަނދު ހުއްޓުވާފައެވެ. އެއީ، މާލެއިން 4 އުޅަނދާއި، ހުޅުމާޅެއިން 5 އުޅަނދެވެ. އަދި، ލައިސަންސް ނެތި ދުއްވައިގެން މާލެއިން ހަތަރު ފުރޮޅުލީ 2 އުޅަނދާއި، 15 ސައިކަލު ހިފަހައްޓާފައިވާއިރު ހުޅުމާލެއިން ވަނީ 8 ސައިކަލު ހިފަހައްޓާފަ އެވެ.
މީގެ އިތުރުން 39 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެތެރޭގައި މާލެއިން ހިފެހެއްޓި ހަތަރުފުރޮޅުލީ 3 އުޅަނދާ 19 ސައިކަލާއި، ހުޅުމާލެއިން ހިފެހެއްޓި ހަތަރުފުރޮޅުލީ 3 އުޅަނދާއި، 14 ސައިކަލު ހިމެނެއެވެ.
ފުލުހުން ބުނީ، ޓްރެފިކް އޮޕަރޭޝަންގައި ބަލާފާސްކުރި އުޅަނދުތަކުގެތެރެއިން 47 އުޅަނދެއް ދުއްވި މީހުންނަށް ނަސޭހަތްދީ ދޫކޮށްލާފައި ވާކަމަށެވެ. އެއީ، މާލެއިން 10 އުޅަނދާ ހުލުމާލެއިން 37 އުޅަނދެވެ.
މިއަދުވެސް ފުލުހުން މި އޮޕަރޭޝަން ކުރިޔަށް އެބަ ގެންދެއެވެ. އަދި ފުލުހުން ދަނީ މާލެ ސަރަހައްދުގައި އޮޮަޕަރޭޝަންތަކުގައި ޝާމިލުވާ ޓްރެފިކް ފުލުހުން ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވަން އެއްމަސްދުވަހުގެ ޕްރޮގްރާމެއްވެސް ފަށާފަ އެވެ.




