ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށްވާތީ، އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ރައީސް ޑރ. މުަހަމައްމަދު މުއިއްޒު އަންގަވައިފި އެވެ.
އަގުބޮޑުކޮށް ބޭސްވިއްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެންގެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ، ރޭ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައި ވެއެވެ. އަދި، ބޮޑު އަގުގައި ވިއްކުން ހުއްޓުވަން ފިޔަވަޅު އެޅުމުން ބޭހުގެ ބާޒާރުގެ އަގާއި، އާސަންދައިން ޗާޖުކުރާ އަގު ދަށްކުރޭވިދާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
”މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ.“ ރައީސް ވިދާޅުވެފައި ވެއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމުގައި ވެސް މި ޕޯސްޓުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައި ވެއެވެ.



