އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީއެމްއައި ގައި ފަރުވާދެމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލި އާއިލާއެއް ހާލުގައި ޖައްސައިފި ކަަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
އެ މައްސަލައިގައި ކަން ހިނގައިދިޔަގޮތް ހާމަކުރުމުގެ ގޮތުން، އާސަންދައިން އާންމުކުރި ނޫސްް ބަޔާނެއްގައި ބުނެފައިވަނީ،އުމުރުން 65 އަހަރުގެ އެ ބަލި މީހާ އެއާ އެމްބިއުލާންސެއްގައި ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ގެންދިޔައީ، ޒަކާތު ފަންޑުން ހަރަދުކޮށްގެން ކަމަށެވެ. އަދި، އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސައިދިން ކަމަށް އާސަންދައިގެ ބަޔާނުގައި ވެއެވެ.
”އޭނާއަށް ފަރުވާ ދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެޕަލޯޕެތީއަށް. އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީ އަދި ހައިޕާބަރިކް އޮކްސިޖަން ތެރަޕީ) އަށް. އެޑްމިޓް ކުރުމަށް އެސްޓާ ސީއެމް އިން އާސަންދަށް ރިކުއެސްޓް ފޮނުވީ މާޗު 14، ގައި“ އާސަންދައިގެ ބަޔާނުގައި ވެއެވެ.
އާސަންދައިން ހާމަކޮށްފައިވާގޮތުގައި، އެ ބަލި މީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓްކޮށް، އޯގަސްޓް 18، އާ ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އެ ކުންފުނިން އެޕްރޫވަލް ދިނެވެ.އަދި، ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށްފަހު، ބަލި މީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވެންޓިލޭޓަރު ސަޕޯޓާއެކު ބަލި މީހާ އަނބުރާ ގެނައުމަށް އޯގަސްޓް 14، ގައި އާއިލާއާ ވާހަކަ ދެއްކި ކަމަށް އާސަންދައިން ބުނެއެވެ. އެގޮތުން، ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާނެ ކަމެއްކަން އާއިލާއަށް ކިޔައިދީފައިވާކަމަށާއި، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުން ބަލި މީހާގެ އާއިލާއާ ވާހަކަ ދެއްކިކަމަށްވެސް އާސަންދައިގެ ބަޔާނުގައި ބުނެފައި ވެއެވެ.
އާސަންދައިން ބުނީ އޮގަސްޓް 18، ގެ ނިޔަލަށް ބަލި މިހާގެ ބިލަށް އެރީ 89،339.91 އެމެރިކާ ޑޮލަރު ކަމަށެވެ. އަދި، އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖުތައް އުނިކުރުމަށްފަހު، 85،989.15 އެމެރިކާ ޑޮލަރު ބަލި މީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވަލް ދީފައިވާކަމަށްވެސް އާސަންދައިން ބުނެފައި ވެއެވެ.




