މާދަމާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލުމުގެ މަސައްކަތް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، ފޭސް-2 ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި،އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާދަމާ ހެނދުނު ކުރަން ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތް ކުރިޔަށްދާނީ ހެނދުނު 6:00 އިން 7:00 އަށް ކަމަށާއި، މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖްގެ ސުވިޗް ގިއަރާއި، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެކަމަށެވެ.
މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ ޓްރާންސްފޯމަރުތަކެއްކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި، މީގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.



