ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފި އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުން އައި މި މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވީ، ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ މިކަމާ ގުޅޭގޮތުން ނެރުއްވި ދެންނެވުމުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަރުކަޒަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީކަން ބަޔާންކުރައްވާފައިވެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް!
ކ. ގުރައިދޫގައި ޤާއިމްކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން)އަކީ ދައުލަތުގެ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ބެލެހެއްޓުމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލިމީހުން ބަލަހައްޓަމުންދާ މަރުކަޒެކެވެ.
އެޗް.ޕީ.އެސް.އެން ގައި ބަލަހައްޓާ މީހުންގެ ތެރޭގައި، އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެ ޢާއިލާގެ އަޅާޅުން ލިބިފައިނުވާ މީހުންނާއި، ޢާއިލާއިން ރައްކާތެރިކަން ނުލިބި އަޅާލާނެ ފަރާތެއް ނެތް މީހުންނާއި، ނަފްސާނީ ބަލީގެ ސަބަބުން ޢާއިލާތެރޭގައި ބަލަހައްޓަން އުނދަގޫ ފަރާތްތައް އަދި މަރުކަޒެއްގައި ބަހައްޓައިގެން އިތުރު ތެރަޕީ ނުވަތަ ފަރުވާ ދޭންޖެހޭ ފަރާތްތައްވެސް ހިމެނެއެވެ.



