މިދިޔަ ހޯމަ ދުވަހު، ހެންވޭރު ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގައި ޒަޚަމްވެފައި އޮތްވާ ފެނުނު މިހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރޭވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހޯމަ ދުވަހު، ހެންވޭރު ގެސްޓް ހައުސްއަކުން ޒަޚަމްވެފައި އޮތްވާ ފެނުނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ޚަބަރެއް ނުވާކަމުގެ މައުލޫތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން އެދުވަހު އެތަނަށް ގޮސް، ކޮޓަރިއަށް ވަދެ ބެލި އިރު އޭނާ ޒަޚަމްވެފައި އޮތުމާއެކު، އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އޭނާއަށް އައިސީޔޫގައި ފަރުވާވެސް ދީފައި ވެއެވެ.
މި މައްސަލައިގައި މިއަދު ފުލުހުން ބުނީ، ޒަޚަމްވެފައި އޮތް މީހާއާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ދެމީހަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. މާލެ، މއ. ވޮއްކޮޅުގެއާގެ، އަހްމަދު މާޒިން އިބްރާހީމް (23އ) އަދި ކ. ތުލުސްދޫ، ޕެރިސް، ފައުޒާން ޒަރީރު (23އ) އެވެ.
މި މައްސަލައާއި ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އެދެމީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންދަނީ ތަހްގީގުކުރަމުންނެވެ.


