ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގ ގެ ޚިދުމަތް ފަށަން ތައްޔާރު ވަމުން އަންނައިރު، މިކަމުގައި މޯލްޑިވްސް ޕޯޓްސް އިން ވާންޖެހޭ ހުރިހައި ތައްޔާރީއެއް ވެފައިވާކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިމަހުގެ 20 ވަނަ ދުވަހު އޯފް ޝޯ ބަންކަރިންގެ ޚިދުމަތް ފަށާއިރު، މިޚިދުމަތް ފޯރުކޮށްދޭނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓިއޯ) އާއި އެމްޕީއެލް ގުޅިގެންނެވެ. އެސްޓީއޯއިން އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ދޭނެއެވެ.
މިކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރައްވައި، އެމްޕީއެލްގެ ސީއީއޯ ވިދާޅުވެފައިވަނީ، އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސްފައިވާކަމަށެވެ. އަދި މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް” ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީ އެއްވެ މިހާރު ނިމިފައިވާކަމަށެވެ.
ވަޖީހު ވިދާޅުވީ، ބަންކަރިންގ ޚިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް މިސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެކަމަށެވެ. އަދި، ބަންކަރިންގ ޚިދުމަތުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހި ވެގެން ދާނެކަމަށެވެ.
ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން އެމްޕީއެލްއިން ވަނީ، އެކަމަށް ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ ums.mv / އުތުރު މެރިޓައިމް ސާވިސަސް އެވެ.
”އިރާދަ ކުރެއްވިއްޔާ، މި ޕްރޮޖެކްޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކު ތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ.“ ވަޖީހް ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާރިޗު 2024 ގައެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެވެ. ޚާއްސަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ޤައުމުގެ ބަނދަރުތަކުގެ ބޭނުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން، ރަށްރަށުގެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.




