ކ. ހުވަފެންފުށި ދެކުނު ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ކ.މާލޭ / މ.އަސަރީހަދާން، ތަސްލީމް މުހައްމަދު(43) ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް ދަތުރު ދިޔުމަށްޓަކައި ދަތުރުގެ ބައިވެރިން ދަތުރަށް ފުރީ 29 އޮގަސްޓް ވަނަ ދުވަހުގެ 17:00 އާއި 17:30 އާއި ދޭތެރޭ ވަގުތެއްގައި، މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށާއި،ފުރީ ތަސްލީމު ހިމެނޭހެން ޖުމްލަ 25 މީހުންނާއި ދެ ކުޑަކުދިންކަމަށެވެ. އަދި، އެ ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި، އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ރޭވި ދަތުރެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރަށްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި، އެގްރޫޕް ފަސްގަނޑަށް ދަތުރުދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރުގޮސް ތިބި ކަމަށާއި، އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި ހަރަކާތްތެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައި ވެއެވެ. އަދި،އެރޭ 00:00 ގެ ފަހުން ތަސްލީމާއެކު ދަތުުރުދިޔަ މީހުން ޓެންޓު ޖަހާފައި ހުރި ސަރަަހައްދުގައި، ތަސްލީމު ނިދާފައި އޮތްކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި،ދަތުރުގައި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވާކަމަށް ބަޔާނުގައި ވެއެވެ.އަދި، ޖެހިގެން އައި ދުވަހު ހެނދުނުވެސް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ތަހްގީގަށް ލިބިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނާގޮތުގައި، އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހުގެ ހެދުނު 7:45 އާއި 09:00އާ ދޭތެރޭގައެވެ. އަދި،ތަސްލީމްް މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައި ވުމުން، އެދުވަހުގެ ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗްގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައި ނުވާތީ އޭނާ އެހެން ލޯންޗަކުން މާލެ ގޮސްފައިވޭތޯ ބެލުމަށް ދަތުރުގެ ބައިވެރިން ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި، އޭނާ މާލެ ނުދާކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ވަގުތުން ފެށިކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ތަހްގީގުގައި، ތަސްލީމުއާއެކު ދަތުރުދިޔަ މީހުންނާއި ސުވާލުކުރުމުގެ އިތުރުން، އެފަސްގަނޑަށް ދަތުރުދިޔަ އިތުރު ގުރޫޕެެއްގައި ހިމެނޭ 12 މީހުންނާވެސް ތަހްގީގުގައި ސުވާލުކޮށްފައިވާކަމަށެވެ. އަދި، ތަސްލީމު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހްލީލު ކުރުމުގެ މަސައްކަތް ފަށައި،ތަސްލީމް އާއި އިތުރު ބަޔަކު ދަތުރުކުރަން ބޭނުންކުރި ލޯންޗު ބަލަައި ފަސްކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ތަސްލީމް މާލޭގައި އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލާ ފާސްކޮށްފައިވާއިރު،ތަސްލީމު ހޯދުމަށްޓަކައި މިހާރު އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާއިރު،މި މައްްސަލައާ ގުޅޭގޮތުން ތަސްލީމްގެ އާއިލާއާ ފުލުހުން ބައްދަލުކޮށް މައްލޫމާތު ސާފުކުރުމުގެ އިތުރުން، މައްސަލައިގެ ތަހުގީގް ކުރިޔަށްދާގޮތުގެ މައުލޫމާތުވެސް އާއިލާއާއި ހިއްސާކުރަމުންދާކަމަށް ފުލުުހުން ބުންޏެވެ.



