އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ މަހާސިންތާ މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި މަހާސިންތާގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރައްވަމުން، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދުުު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާދަމާ މި ބާއްވާ ދީނީ ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާގައި 70 އަށް ވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވެފައިވާކަމަށެވެ. އަދި، މި މަހާސިންތާއަކީ މިފަދަ ގޮތަކަށް އިސްލާމީ ވުޒާރާއިން ބާއްވާ ފުރަތަމަ ތާރީޚީ މަހާސިންތާގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
”ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން.“މިނިސްޓަރު ވިދާޅުވި އެވެ.
ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ މަހާސިންތާއަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާ އެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އޮންލައިންކޮށްވެސް މި ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާއެކު އިސްލާމިކް މިނިސްޓްރީން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްވާފައިވާއިރު، ޙައްޖާ ޢުމްރާއާއި ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާއި ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.




