ދައުލަތުގެ ހިންގުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު ދިވެހިރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ބުނެފި އެވެ.
ބައިނަލްއަޤުވަމީ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ނަގަހައްޓަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޝުކުރު އަދާކޮށް، ޕީއެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު ދިވެހިރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމާމެދު އެ ޕާޓީން ޝައްކު ނުކުރާކަމަށެވެ.
”ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކުރައްވައި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ޝުކުރު ދަންނަވަން.“ ޕާޓީގެ ބަޔާނުގައި ވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ، އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަންޖެހިފައި ހުރި މުހިއްމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ބަޔާކޮށްފައި ވެއެވެ.
އެގޮތުން،އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާގޮތަށް ނިޒާމު ބަދަލުކުރެއްވުން ފާހަކޮށްފައި ވެއެވެ. މިއީ، ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތެއްގެގޮތުގައި ޕީއެންސީން ސިފަކޮށްފައި ވެއެވެ.
”އެކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިޞްލާޙުވާނެ ކަންތައްތަކެއް ކަމުގައި މި ޕާޓީން ޤަބޫލުކުރަން.“ ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލތުގެ ޞިފަތައް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައްވެސް ޕީއެންސީން ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރުކޮށްދެއްވުމާއި، ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ދިވެހިރާއްޖޭގެ އަމިއްލަ މަޞްލަޙަތުތައް އިސްކޮށްގެންކަން ޔަޤީންކޮށްދެއްވުމަށް ”މޯލްޑިވްސް ފަސްޓު“ ސިޔާސަތު ތަޢާރަފުކުރައްވައި ހިންގަވަން ފެއްޓެވުން ޕީއެންސީން ފާހަަގަކޮށްފައ ވެއެވެ. އަދި، ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކުރެއްވިކަން ފާހަގަކޮށްފައި ވެއެވެ.
ޕީއެންސީން ބުނީ،މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ޙަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުންކަމަށެވެ. އަދި، ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަޚުލާޤީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާޙައުލެއް ބިނާކުރާނެ ގޮތް ޢަމަލުފުޅުންނާއި ބަސްފުޅުން ތަމްސީލުކޮށްދެއްވަމުންކަމަށެވެ.
“ ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅުއަޅުވައި ޤައިދުކުރުމުގެ ސަޤާފަތް އެމަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުޞަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވި. އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާޙައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ޞުލްޙަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުން.“ ޕީއެންސީގެ ބަޔާނުގައި ވެއެވެ.
އިސްލާމީ ދިވެހިވަންތަ ސިފަތަކުގެ މަތީގައި ދިވެހިރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މިންނަތް މަސައްކަތްޕުޅު ފާހަގަކޮށް، ޕީއެންސީންވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.




