މާލެ ސިޓީން ފަސް ގެއެއް ރެއިޑްކޮށް، 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިމީހުން ހައްޔަރުކޮށްފައިވަނީ،އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގް ދަށުން، އިއްޔެ ރެއިޑް ކުރި ފަސް ގެއަކުންނެވެ.
މި އޮޕަރޭޝަންގެ ދަށުން މިމަހުގެ 12 ވަނަ ދުވަހުވެސް، މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި އޮޕަރޭޝަންގެ އިތުރުން، އިމިގްރޭޝަން ހިމެނޭގޮތަށް، ކަމާގުޅޭ އިދާރަތައް އެކުލެވޭ ޚާއްސަ ޓާސްކްފޯސްއަކުންވެސް ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއޮޕަރޭޝަންތަކުގައި މާރުކޭޓާއި، ފިހަރާތަކާއި، ކެފޭތަކާއި، ސެލޫން ފަދަ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ. މި އޮަޕަރޭޝަންތަކުގައި ހުއްދަ ނެތި ވިޔަފާރި ކުރާ ބިދޭސީންނާއި، ވިސާއާއި ވޯކްޕާމިޓް ނެތި މަސައްކަތްކުރަމުންދާ ގިނަ ބިދޭސީންތަކެއްވެސް އަތުލައި ގަނެފައި ވެއެވެ.
މި ދެ އޮޕަރޭޝަންތަކުގައިވެސް ހައްޔަރު ކުރާ މީހުން ރާއްޖޭގައި އުޅެން އިތުރު ފުރުސަތު ނުދީ އިމިގްރޭޝަނުން ދަނީ އެމީހުން ޑީޕޯޓްކުރަމުންނެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، އެފަދަ މީހުންނަށް ތަންތަން ކުއްޔަށްދޭ މީހުންނާއި، އެ މީހުން ލައްވާ ނުގަވައިދުން އެކި އަމަލުތައް ހިންގުވަމުންދާ ދިވެހީންނަށްވެސް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، ދިވެހިރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ފަރާތްތައް ރާއްޖެއަށް ގެންނަ އެމްޕްލޯޔަރުގެ ޒިންމާއެއްކަމަށެވެ. އަދި، މަސައްކަތްތެރިން ބަހައްޓަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަ ތަންތަނުގައި ކަން ކަށަވަރު ކޮށް، އެމީހުން ދިރިއުޅެން ހަމަޖައްސާ ތަންތާނގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް ޝަމްއާންވަނީ އިލްތިމާސްކުރައްވާފަ އެވެ.



