ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މައްސަކަތުގެ ދަށުން، ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުން ފޯރުކޮށްދީ، ފައިދާހުރި ބައެއްގެ ގޮތުގައި މުޖުތަމަޢުއާ ގުޅުވައިދިނުމަށް ނިންމައި، އެކަމުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގަ މިމަހުގެ 12ވަނަ ދުވަހުވަނީ ސޮއިކޮށްފަ އެވެ.
މި ފަހުމުނާމާއަކީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތައް މުޖުތަމައާ ގުޅުވައިދިނުމުގެ އިންތިޒާމްތައް ނ.އަތޮޅުގައި ޤާއިމްކުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ޤާއިމްކުރުމުގެ އިތުރުން މުޖުތަމަޢަށް އަނބުރާ ނުކުތުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭކަން ދެފަރާތުން ކަށަވަރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
ނ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ އެމްއޯޔޫ އަދި އެސްއޯޕީގައި ސޮއިކުރުމަށްފަހު ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންޑީއޭގެ ބޯޑުގެ ފަސްވަނަ ބައްދަލުވުމުން ނިންމަވާފަވާއިރު ނ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަ ހުރި މިންވަރު ދެނެގަތުމާއި، މަސްތުވާތަކެތިން ރައްކާތެރިކުރުމާއި އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް ދޭން އެންމެ އެކަށީގެންވާ ފަރުވާގެ ބާވަތްތައް ދެނެގަތުމަށް މަޢުލޫމާތުތައް ނީޑް އެންޑް ރެޑިނަސް އެސެސްމަންޓްގެ ޒަރީއާއިން އެއްކުރަންޖެހޭ ގޮތަށްވެސް ވަނީ ނިންމަވާފައިވެއެވެ.
މި އެސެސްމަންޓްތަކުގެ ނަތީޖާތަކަށް ބިނާކޮށް ނޫނު އަތޮޅުގެ އެކި ރަށްތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތައް އެކުލަވާލައި އަދި 6 މަސް ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއް ކަނޑައެޅޭ ރަށެއްގައި ހިންގައި،މަސްތުވާތަކެތީގެ މައްސަލަހުރި ފަރާތްތަކުން ފަރުވާގެ ޚިދުމަތަށް ހުށައަޅާނެ ނިޒާމެއް ޤާއިމްކުރަންޖެހެއެވެ. އަދި،ފަރުވާ ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ،ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން އެއިދާރާއެއްގައި ހުރި ޚިދުމަތް ދިނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފޯރުކޮށްދިނުމާއެކު،މި ޕްރޮގްރާމްގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާނެ ޓީމެއް އެކުލަވާލާ ތަމްރީނުކުރަން ޖެހެއެވެ.
މި ފަހުމުނާމާގެ ދަށުން ހިންގާ މި ޕްރޮގްރާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ،ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ މުޖުތަމަޢުއަށް ފައިދާކޮށްދޭ ބައެއްގެ ގޮތުގައި ގުޅުވައިދޭންޖެހެއެވެ.އަދި،ޕްރޮގްރާމް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ އެކަމުގެ ހައްލުހޯދުމަށް ދެފަރާތުންވެސް ކަމާއިބެހޭ ފަރާތްތަކާއެކު މަސައްކަތްކުރަންވެސް މި ފަހުމުނާމާގައި އެއްބަސްވެފައި ވެއެވެ.
މީގެ އިތުރުން،މި ޕްރޮގްރާމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފައިދާއާއި އަސަރު ވަޒަންކުރުމަށްޓަކައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒުކުރަން ޖެހެއެވެ. އަދި ޚިދުމަތުގެ މަޤްޞަދުތައް ޙާސިލްކޮށްދީ، ރަނގަޅުވަމުން އަންނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރަމުންދާކަން ކަށަވަރުކުރުމަށް ޤަވާއިދުން މޮނިޓަރިންގ އަދި އިވެލުއޭޝަން ހަރަކާތްތައް ހިންގަންޖެހެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކަނޑައަޅާ އުސޫލެއްގެ މަތިން ބެލެހައްޓަން ހަމަޖެހިފައިވާއިރު،މި ޕްރޮގްރާމްގެ މޮނިޓަރިންގ އަދި އިވެލުއޭޝަންގެ އެންމެހާ ކަންތައްތައް ކުރާނީ ނޭޝަނަލް ޑްރަގް އޭޖެންސީންނެވެ.




