ސްޓޭޓް ޓްރޭޑިންގ ކޮމްޕެނީ(އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ހަމަޖެއްސުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ހަރުދަނާ ނިންމުމެއްކަމަށް،ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ދެވަނަ ޚާއްސަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސްގައި ފުރުސަތު ހޯއްދަވައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ބަހުސްގެ ފުރުސަތުގައި ނާޒިމް ވަނީ، އެއިސްލާހަށް ޖުމްލަކޮށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، އޭގެ ސަބަބުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ކުރާނެ މަންފާގެ މައްޗަށް އަލި އަޅުއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި، އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަށް ސަރުކާރުން ނިންމި ނިންމުން އެއީ ހަރުދަނާ ރަނގަޅު ނިންމުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވެއެވެ.
”އެ ޓޭކްއޯވަރ އަކީ ވަރަށް މުހިންމު ޓޭކްއ އޯވަރ އެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ފެނަކަ އެސްޓީއޯގެ ދަށަށް ގެންދިއުމަކީ، އޭގެ ޒާތުގައި ވަރަށް ހަރުދަނާ ނިންމުމަކަށް ބެލެވޭ. ސަބަބަކީ އެސްޓީއޯއަކީ ފެނަކައިގެ އެންމެ ބޮޑު ކްރެޑިޓާ. އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ވޭތުވެދިޔަ ސަރުކާރުން ފަސް އަހަރު އެސްޓީއޯގެ ބިލުތަކަށް ފައިސާ ދައްކާފައެއް ނުވޭ.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ 2.2 ބިލިއަން ރުފިޔާ ގެ މުގާބިލުގައި ފެނަކައިގެ %100 ހިއްސާ އެސްޓީއޯއިން ގަންނަން މަސައްކަތްކުރަމުންދާ މަންޒަރުު ފެންނަކަމަށެވެ. އަދި އެއީ ރަނގަޅު ނިންމުމެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވި އެވެ.
”މިއީ އެސްޓީއޯގެ ތަޖުރިބާ ބޭނުންކޮށްގެން ފެނަކައިގެ ކަންތައް ރަނގަޅު ކުރެވިއްޖެ ކަމަށްވަންޏާމު އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގެ ސަބަބުން އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަށް ކުރަމުންދާ މަސައްކަތަށްވެސް ފަސޭހަ ވެގެންދާނެކަމަށެވެ.
”އެސްޓީއޯއިން ވަނީ ފެނަކަ އޯވަރ ޓޭކް ކުރުމަށް ތައްޔާރުވެފައި. އެހެންވީމައި އެސްޓީއޯއަކީވެސް އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، އެފަދަ މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި އެސްޓީއޯއަށްވެސް ޖެހޭނެ ޕީޖީއެމް ބާއްވަން. އެކަމުގެ ހުއްދަ ހޯދަން އެކުންފުނީގެ ބޯޑުން ފާސްވެސް ކުރަން ޖެހޭނެ.“ ނާޒިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެނަކަ އެސްޓީއޯގެ ސަބްސިޑިއަރީ ނުވަތަ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވީ،މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތަށް ހަމަޖެއްސެވީ ފެނަކައަކީ ރައްޔިތުންނަށް ޔުޓިލިޓީސް ޚިދުމަތްދޭ ކުންފުންޏަކަަށްވެފައި، އެކުންފުނިންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުންނެވެ.
-މި ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސްޓީއޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސްޓީއޯއަށް ދިނުމާއެކު، ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރުވެސް އެސްޓީއޯއަށް ލިބޭނެއެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް، އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމެވުމެވެ.




