އިންދިރާ ގާންދީ ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި މިހާރުު އެމްޕޮކްސް އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިޔުއެޗްއޯ) އިން އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިއަދު، އެ މިނިސްޓްރީ އަށް ހަދިޔާކޮށްފައިވާކަމަށާއި، މިއާއެކު ޜާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔައީ ކަމަށެވެ.
މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންކަމަށް ވިޔަސް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެމްޕޮކްސް އަށް ސާމްޕަލްނެގޭނެކަަމަށެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަމަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.
މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށްވުރެ ބޮޑަށް އިތުރުވުމާއެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފަ އެވެ.



