ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިތަކާއި ޢާންމުންނަށް ވެސް މިހާރަށްވުރެ އިތުރު ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް މަގު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ މިހާރުވެސް ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭކަމަށެވެ. އަދި، ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ލިބިގެންދާނެ އިތުރު ފައިދާތަކުގެ ތެރޭގައި ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރުމާއި ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރުލިބިގެންދާނެކަމަށެވެ.
ހީނާ ވިދާޅުވީ، އެ އެގްރީމެންޓަށް އަމަލުކުރަން ފެށުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުމާއި އަދި އެހެން ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުންފަދަ ފައިދާތައް ހިމެނޭނެ ކަމުގައެވެ. އަދި މިއާއެކު ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަންވެސް ހީނާ ފާހަގަކުރެއްވި އެވެ.
ދިވެހި ސަރުކާރުން ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެއެއްބަސްވުން ތަންފީޒްކުރުމުގެ ގާނޫނޫ މަރުހަލާކުރިޔަށްދާ ކަމަށާއި، އެ މަރުހަލާ ނިމި އެއްބަސްވުން ތަންފީޒްކުރަން ފެށުމުން، ޗައިނާއަށް އެކްސްޕޯޓްކުރާާ މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން 9 ސެކްޓަރަކުން ޑިއުޓް ފްރީވެގެންދާނެކަން ފާހަނގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވިޔަފާރިކުރާ ފަރާތްތަކަށާއި އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތުތަކެއްކަމަށެވެ.



