މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި، މާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހަކު އަތުން މޯބައިލް ފޯނަކާއި،9،000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސައަލާއި ގުޅިގެން، މާލެ، ގ. ބެރގެ، މުހައްމަދު ނަވީން(44އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އެ މައްސަލަ ތަހްގީގު ކުރަމުންދާކަމަށެވެ.
އިމިގްރޭޝަންގެ ނަމުގައި ބަޔަކު މީހުން ބިދޭސީން އުޅޭ ތަންތަނަށް ގޮސް އުޅޭކަން އިއްޔެ ފެންމަތިވުމާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހަމައްދު ޝަމްއާން ވަހީދު ވިދާޅުވީ، އިމިގްރޭޝަން ގެ ރެއިޑްތަކުގައި، އިމިގްރޭޝަން އޮފިސަރުން ތިބޭނީ ޔުނިފޯމް އަޅައިގެން ކަމަށާއި، އަދި އޮފިސަރުންގެ އައިޑީ ފެންނަ ގޮތަށް ހުންނާނެކަމަށެވެ. އަދި، މިހާރު ގޭގެއަށް އެ ދާ މީހުންނަކީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަމުގެ ޔަގީންކަން ޝަމްއާންވަނީ ދެއްވާފަ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަން ހިމެނޭހެން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ދަނީ ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިއޮޕަރޭޝަންތަކުގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި، ފިހާރަތަކާއި، ކެފޭތަކާއި، މާރުކޭޓްތައް ފަދަ ތަންތަން ދޭތެރެ ދޭތެރެއިން ރެއިޑްކޮށް ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހައްޔަރުކޮށް ދަނީ ޑީޕޯޓްކުރަމުންނެވެ.




