އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަޤީންކުރާނެކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ،މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި މިނިސްޓްރީން ވަނީ އިފްތިތާޙްކޮށްފައިވާކަމަށެވެ. އަދި، މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި އެމިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ދަފްތަރު ފުރިހަމަކުރުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅައި، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ފޯރުކޮށްދީފައި ވެއެވެ. އަދި މިހާރުވެސް މި މަސައްކަތް މިނިސްޓްރީގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.
މިނިސްޓްރީން ބުނީ، މަސްވެރިންގެ ގައުމީ ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މަޢުލޫމާތުތަކެއްކަމަށެވެ. އެހެންކަމުން، މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަޤީންކުރާނެކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އަންނަމަހުގެ އެއްވަނަދުވަހުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މިނިސްޓްރީން ވަނީ، ދަފްތަރުގައި ރަޖިސްޓަރީވުމާ ގުޅޭ ވީޑިއޯއެއްވެސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފަ އެވެ. އޭގައިވާ ކިއުއާރްކޯޑް ސްކޭންކޮށްގެން ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަރުހަލާތައް ބަލާލެވޭނެއެވެ. މިނިސްޓްރީން ބުނީ ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ (7928721) އަށް މެސެޖް ކޮށްދިނުމަށް އެދޭކަމަށެވެ.




