ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފް އެމަގާމަށް އައްޔަނުކުރަން ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީކަމުގެ މަގާމުގައި ހުންނެވި އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީއިން މިއަދު، މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅިއެވެ. ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓްގައި އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރަން ޝަރުޠު ހަމަވާކަން ބަޔާންކޮށް އޭނާ އެމަގާމަށް އައްުޔަންކުރަން ކޮމިޓީން ފާސްކޮށްފައިވާކަން ބަޔާންކޮށްފައިވެއެވެ. އެ ރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދެއްކެވި ހުރިހައި މެންބަރުން އެ ރިޕޯޓަށް ތާއީދުކުރައްވާފައި ވެއެވެ.
އަދި މަޖިލީހުގެ ޖަލްސާގެ ވޯޓަށް އެހުމުގެ ގަޑީގައި، ޖުޑީޝަރީ ކޮމިޓީގެ ނިންމުން ފާސްވީ ވޯޓްގައި ބައިވެރިވަޑައިގެންެނެވި 85 މެންބަރުންގެ ތާއީދާއެކުގަ އެވެ. އެ ފާސްކުރަން ބޭނުންވާ މިންވަރަށް ވޯޓް ލިބުމުން ރިޔާސަތުން ވަނީ އައްބާސް ޕީޖީއަކަށް އައްޔަންކުރަން މަޖިލީހުގެ ރުހުން އޮތްކަން އިއުލާނުކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މި ނިންމުމާއެކު، ޕްރޮސިކިއުޓާ ޖެނެރަލްކަމުގެ މަޤާމަށްއައްބާސް ޝަރީފް އައްޔަންކުރަައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމަށް އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމަގާމު ހުސްވުމުންނެވެ.
ޕީޖީގެ ގާނޫނުގައިވާގޮތުންނަމަ މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެއެވެ.




