ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާނީ، އެއަށް ގާނޫނީ ބާރުވެރިކަން ލިބިދޭގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި އެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ނިންމެވިކަން އިއުލާންކުރައްވައި ރައީސް އޮފީހުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ވީޑިއޯ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ، ޜާއްޖޭގެ ތަރައްގީގެ ޕްލޭނެއް ކުރިޔަށް އޮތް 20 އަހަރަށް އެކުލަވާލާނެ ވާހަކަ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައިވެސް އިއުލާނުކުރައްވާފައިވާނެކަމަށެވެ. އަދި،އެއީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދު ތެރޭގައި ހިމެނޭ ގައުމީ ތަރައްގީގެ ވައުދެއް ކަމުގައި ބަޔާންކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ޕްލޭން ހަދާނެގޮތާއި،ކުރިޔަށް ގެންދާނެގޮތްތަށް ނިންމަވާފައިވާކަމަށެވެ.
”އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެތެރޭގައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަކަށް، އަދި ހުރިހައި ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި،އެކި އެކި ސްޓޭކްހޯލްޑަރުންނާއި އެކްސްޕާޓުން ހިމަނައިގެން، ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް މަޝްވަރާކޮށްގެން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަނީމި.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްގީގެ ޕްލޭން ހަދާނީ ގާނޫނީ ބާރުވެރިކަމާއި ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާ ގޮތަށްކަމަށާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމަށެވެ.
”މީގެ މަގުސަދަކީ،ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް، ރައްޔިތުން ބޭއްނުންވާގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިޔަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާދިއުމަކީ، ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން.ގާނޫނަކުން އެއަށް ބާރުވެރިކަން ލިބިފައިވާކަމަށް ހެދުން. ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންވާ ޕްލޭނަކަށް ހެދުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްލޭންގެ މަސައްކަތް ކުރިޔަށްގެންދާނީ ހުރިހައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ކަމަށާއި، އެގޮތުގެމަތިން ކުރިޔަށް އޮތް ތާނގައި، ހުރިހައި ރަށެއްގައި ކަމާބެހޭ މަޝްވަރާތައް ހިނގާނެކަމަށެވެ. މި މަޝްވަރާތަކުގައި،އެކި އެކި ޖަމްއިއްޔާ ޖަމާއަތްތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި،އެކި އެކި ސިޔާސީ ޕާޓީތަކާއި،ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިނަމަވެސް،ކަމުވޮށިގެންވާ އެކި އެކި ފަރާތްތައް ޝާމިލުކޮށްގެން މަޝްވަރާކުރިޔަށް ގެންދާނީ ވަރަށް ’އޯގަނައިޒްޑް ގޮތެއްގައި‘ ވަރަށް ތަފްސީލީގޮތެއްގައިކަމަށް ރައީސް ވިދާޅުވި އެވެ.
”ތިބޭފުޅުން،ބޭނުންވާގޮތަށް މިގައުމުގެ ތަރައްގީގެ ކަންކަން ބައްޓަންކޮށްގެން ކުރިޔަށް ގެންދާނީ.އަޅުގަނޑު ހުށަހަޅާފައި ހުރި، އަޅުގަނޑު ގައުމު ގެންދަން ބޭނުންވާ އަޅުގަނޑު ކުރިޔަށް އޮތް 20 އަހަރަށް ގައުމު އޮންނަން ބޭނުންވާގޮތް،އައީ ކެމްޕޭން ތެރޭގައި ހިއްސާކުރަމުން. އަޅުގަޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލުކުރުން.އަދި އެއަށް ވުރެވެސް ފުރިހަމަކުރުމަށްޓަކައި، ވަރަށް ރަނގަޅު ބައިވެރިވުން ހިމެނޭ ފުރިަހަމަ ތަރައްގީގެ ޕްލޭންއެއް ހެދުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕްލޭން އެކުލަވާލުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީހޯއްދަވާނެކަމަށާއި، އެހެންނަމަވެސް ޕްލޭންގް މަސައްކަތް ’ލީޑް‘ ކުރައްވާނީ ގައުމު ދެކެ ލޯބިވާ ދިވެހިންކަމަށެވެ. އަދި، ޕްލޭން އެކުލަވާލެވޭނީ ގައުމީ ބަހާތަކާއި ގައުމިއްޔަތު ހިމާޔަތް ކުރުމުގެ ވިސްނުމުގައި ތިބެގެން އެންމެންގެ ބައިވެރިވުން ހިމެނިގެން ކަމަށް ވިދާޅުވިއެވެ.



