ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކައިގެ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް، ފެނަކަ ކޯޕަރޭޝަނުން މިއަދު އިފްތިތާހްކޮށްފި އެވެ.
’ގިރުނބާ‘ ޕޯޓަލް ތައާރަފްކުރީ މިއަދު އެކުންފުނީގެ ޑިޖިޓަލްކުރުމުގެ މަގުޗާޓް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގަ އެވެ.
ފެނަކައިން މިއަދު ތައާރަފްކުރި އެ ކުންފުނީގެ ޑިޖިޓަލް ކުރުމުގެ މަގުޗާޓުގައި ކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނެއެވެ. އޭގެތެރެއިން، ގިރުނބާ ޕޯޓަލްއަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޯނެންޓްކަމަށް ފެނަކައިން ބުންޏެވެ. ފެނަކައިން ބުނީ، އެ ޕޯޓަލްގެ އެހީގައި ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް މިއަދު ފެނަކައިން ވަނީ ތަޢާރަފް ކޮށްފަ އެވެ. މި ސޮފްޓްވެއާއިން ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައި ވެއެވެ. މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެއްކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފަށާފައެވެ.
”އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެ.“ ފެނަކައިން ބުންޏެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތަޢާރަފް ކުރުމަށް، ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށް މިއަދު ބޭއްވި ހަފްލާފައި، ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި ޙަޕްލާގައި، މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ޙިއްޞާކޮށްފައިވެއެވެ.




