ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ވަޑައިގެންފި އެވެ.
ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންެނެވި ޕީއެންސީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނެވެ.
މިއަދުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށް، ކޮންގްރެސްގެ ވަފުދުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރެއްވުމުގެ އިތުރުން،އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
ޕީއެންސީން ބުނީ، މި ވަފްދުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރައްވާނެކަމަށެވެ. އަދި، އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާކަމަށެވެ. އަދި، އެ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
މި ދަތުރަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުމުގެ މަގުސަދުގައި ކުރާ ދަތުރެއްގެ ގޮތުގައި ޕީއެންސީން ފާހަގަކޮށްފައި ވެއެވެ.




