ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު މިއަދު ޢައްޔަންކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރައްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އޭނާ އެމަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފަ އެވެ. އޭނާއަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އާާ ޕީޖީއަކު އައްޔަންކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމަށް އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމަގާމު ހުސްވެފައިވަނިކޮށްނެވެ. ޕީޖީގެ ގާނޫނުގައިވާގޮތުންނަމަ މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެއެވެ.
ޕީޖީގެ މަގާމަށް އައްބާސްގެ ނަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވުމާއެކު، މިމަހުގެ 11 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ޚާއްސަ ޖަލްސާގައި، އޭނާގެ ނަން ހުށަހަޅައި ގޮތެއް ނިންމަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިއެވެ. އައްބާސްގެ ނަން ދިރާސާކޮށް ހޯމަ ދުވަހު ޖުޑީޝަރީ ކޮމިޓީން އައްބާސްއަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށް އިއްޔެ ބޭއްވި ދައުރުން ބޭރުގެ ތިން ވަނަ ޚާއްސަ ޖަލްސާއަށް ރިޕޯޓް ހުށަހެޅިއެވެ. އެ ރިޕޯޓަށް ބަހުސްކުރުމަށްފަހު،އައްބާސްއަށް ރުހުން ދިނުމަށް އިއްޔެގެ ޖަލްސާގައި ފާސްކުރިއެވެ. އިއްޔެގެ ވޯޓްގައި ބައިވެރިވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުން ހިމެނޭހެން 85 މެންބަރުން ވޯޓް ދިނީ އެއްކޮޅަށެވެ.
އަލްއުސްތާޛު ޢައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. އަލްއުސްތާޛު ޢައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.




