ގަވާއިދާ ޚިލާފަށް އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެމީހުން ހައްޔަރުކުރީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގަ އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އެ އޮޕަރޭޝަންގެތެރެއިން މިމަހުގެ 16 ވަނަ ދުވަހު މާލެއިން 4 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި،އެދުވަހު ބަލާ ފާސްކުރި 02 ގެއަކާއި 02 ހޮޓަލުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 07 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ ނޮވެންބަރުމަހުން ފެށިގެން މިހާތަނަށް 3،000އަށް ވުރެ ގިނަ މިފަދަ ބިދޭސީން ޑީޕޯޓްކޮށްލާފަ އެވެ. މީގެތެރޭގައި، ޑޮލަރުގެ ވަގު ވިޔަފާރު ކުރާ ބިދޭސީންނާއި، ވިސާއާއި ވޯކް ޕާމިޓް ނެތި އުޅޭ ބިދޭސީންނާއި، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީންނާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް ރީޓެއިލް އަދި ކެފޭ ވިޔަފާރިކުރާ ބިދޭސީން ހިމެނެއެވެ. ޑީޕޯޓްކުރި މީހުންގެތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.



