އަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދުމަށް ފަހުގައި ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފި އެވެ.
މިކަމާގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެފަރާތުން އަންގަވާފައިވާކަމަށެވެ. އަދި، ބަދަލުތަކަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދީފައިވާކަމަށެވެ.
މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގަ އެވެ.
އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެއެވެ.
މީގެ އިތުރުން، 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބަދަލާއި ގުޅިގެން ފޮރިން މިނިސްޓްރީންވަނީ، އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ދިވެހިންް މި ބަދަލުތަކަށް ސަމާލުވެ، އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ،



