ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމްއާއި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު މަޝްވަރާ ކުރައްވާފަ އެވެ.
މި މަޝްވަރާ ކުރެއްވީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމްއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މިއަދު އެޓާރނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ޕްރޮސިކިއުޓަރ ޖެެނެރަލް ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ބަންޑާރަނާއިބާ ޙިއްޞާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ބަންޑާރަނާއިބު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފަ އެވެ.އަދި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހިތްވަރު ދެއްވާފައެވެ.
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްންކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބެވެ.



