ފުލުހެއްގެ ގައިގަ ސައިކަލަކުން ޖައްސާފައި ފިލި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ، މަގުމަތީގެ/ އަލީ ސަމާހް މުހައްމަދު(24އ) އެވެ.
ސަމާހް ކޯޓެެއްގެ އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ އަންގާރަދުވަހުގެރޭ ހެންވޭރު ދަނޑުކައިރިގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުންދިޔައިރު، އޭނާ ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައިދަނިކޮށް، މަޑުކުރަން ފުލުހުން އެދުމުން، އެކަމަށްއިޖާބަ ނުދީ އެތަނުން ފުލުހެއްގެ ގައިގަ ސައިކަލުން ޖައްސައި، މަޑުނުކޮށް ފިލާފައިވާތީ އެވެ.
ފުލުހުން ބުނޫ، ސަމާހް ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން،10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




