މަސްވެރިކަމުގެ ސިނާއަތުގެ ތެރެއަށް ދަރިވަރުން އަހުލުވެރި ކުރުމަށް، ”އުއްދަނަ“ ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
ފެލިވަރުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ،ޅ. އަތޮޅު މަދްރަސާތަކުގައި ކިޔަވާ ދަރިވަރުން މަސްވެރުިކަމާ ގުޅުންހުރި މަސައްކަތްތެރިކަމަށް ޝައުގުވެރިކޮށް، އެފަދަ މަސައްކަތްތައް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމުގެ އިތުރުން، ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައިފެލިވަރުން ފެށި ޕްރޮގްރާމެކެވެ.
1 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ޖުމްލަ 30 ދަރިވަރުން ބައިވެރިވިއެވެ. އެއީ، ޅ. އަތޮޅު ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުންނާއި، ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުންނެވެ.
މިފްކޯއިން ބުނީ، މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ފުރުސަތު ދީފައިވާކަަމަށެވެ. އެގޮތުން، އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާއިގުޅޭ ޓެކްނިކަލް މުވައްޒަފުން މެދުވެރިކޮށް ދިނުމާއި، މަސައްކަތުގައި އަމަލީގޮތުން ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބިގެން ދާނެކަމަށް މިފްކޯއިން ބުންޏެވެ.
މި ޕްރޮގްރާމްގެ ތެރެއިން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއަރ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑަރީ، އެގްރިކަލްޗަރ އެންޑް ފާމިންގ ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރެވިގެންދާނެކަމަށްވެސް މިފްކޯއިން ބުންޏެވެ.
ފެލިވަރުގެ އަމާޒަކީ މިޕްރޮގްރާމް ފުޅާކޮށް، މެދު ނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުންކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.




