ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ޗައިނާއަށް ވަޑައިގެންނެވި ވަފުދުގެ އިސްވެރިޔާ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓޫމެންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމަކީ ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.

ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓުމެންޓުގެ މިނިސްޓަރު ލިއު ޖިއަންޗޯ ފާހަގަކުރެއްވި ގޮތުގައި މި އަހަރަކީ ރާއްޖެއަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ކުރެއްވި ރަސްމީ ދަތުރުފުޅަށް ދިހަ އަހަރު ފުރޭ އަހަރެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރަށް ކޮންގްރެސް ޕާޓީ ހިމެނޭހެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ސީޕީސީން ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކުރައްވައި ލިއު ޖިއަންޗޯ ވިދާޅުވީ ޕާޓީއާއި ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ކޮންގްރެސް ޕާޓީއާ ހިއްސަކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.
މިނިސްޓަރ އަމީނުގެ ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ރައީސުންގެ ބެލެހެއްޓެވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ.
ޗައިނާއާއި ރާއްޖޭގެ މެދުގައި ދަތުރުފަތުރާއި ވިޔަފާރިއާއި ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް އެދިވަޑައިގަންނަވާކަން މިނިސްޓަރ އަމީނު ފާހަގަކުރެއްވި އެވެ. އަދި ދެ ޤައުމުގެ އެންމެ އިސްވެރިން ބޭނުންފުޅުވާ ގޮތަށް ދެ ޤައުމުގެ މެދުގައި އިސްތިރާޖީ މުވާސަލާތުތައް ހަރުދަނާކޮށް، ދައުލަތް ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުން އިތުރުކޮށް، ގިނަ ދައުލަތްތައް ޝާމިލުވާ ގޮތަށް ސަރަހައްދީ ތަރައްޤީއަށް މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމުގައި ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އަމީން ދެއްވި އެވެ.
މި ބައްދަލުވުމުގައި ސީޕީސީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ވަފުދުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ ނައިބުވަޒީރު ސުން ހައިޔަންވެސް ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޒީނާޒް އަދުނާނުއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޮންގުރެސް ޕާޓީގެ އެކި ފެންވަރުގައި ޙަރަކާތްތެރިވެވަވަޑައިގަންނަވާ ބޭފުޅުން ހިމެނެއެވެ.




