ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) އިން، ރާއްޖޭގައި ފުރަތަމަ ފަހަށް ބަންކަރިންގެ ޚިދުމަތް ދޭން ފަށައިފި އެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ބަންކަރިންގެ ޚިދުމަތް އިފްތުތާހުކޮށްދެއްވީ، އިހަންވަންދިއްޕޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ.
ބަންކަރިންގެ ޚިދުމަތް އިފްތިތާހުކޮށް ފުރަތަމަ ތެޔޮ އަޅާދީފައިވަނީ،އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ “ވައި.ސީ ބެރިއާރ” އަށެވެ. “ވައިސީ ބެރިޔާ” އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރާ މި އުޅަނދަކީ 1،100 ކޮންޓެއިނަރ އުފުލެވޭވަރުގެ އުޅަނދެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވީ، މިއަދު މި އިފްތިތާހު ކުރެވުނު ބަންކަރިންގެ ޚިދުމަތް ފެއްޓީ ދެވައްތަރެއްގެ ކާގޯ ޚިދުމަތާ އެކުގައި ކަމަށެވެ. އެއީ، ބޯޓް ފަހަރަށާއި ލަގްޜަރީ ޔޮޓްތަކަށް ބޭނުންވާ މެރިން ޑީސެލްއާއި ބޮޑެތި ކޮންޓެއިނަރު އުފުލާ ބޯޓްތަކާއި، ބޮޑެތި އާގުބޯޓް ފަހަރާއި،ޑްރެޖަރު ފަދަ އުޅަނދުތަކަށް ބޭނުންވާ ލޯ ސަލްފާ ފިއުލް އަޅައިދިނުން ކަމަށް ޝިމާދް ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެންނެވެ. އަދި ބަންކަރިންގ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރެވެ. މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފަިއިވާ ދެ ބޯޓެވެ.



