ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިހަވަންދޫގައި އޮތް ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޝަބާހު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމް ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އަމާޒަކީ ވީހާވެސް އަވަހަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ މެރިޓައިމް ހިދުމަތްތައް ފަށާއިރު ހުރިހާ ކަމެއް ފުރިހަމަނުވިޔަށް އެކަން ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
“ މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރޮފިކަލް ލޮކޭޝަންއިން އަޅުގަނޑުމެނަށް މިކަމުގެ ފުރިހަމަ ފައިދާ ނެގޭނެ. “ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސާރވިސް (ޔޫ.އެމް.އެސް) ގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލް އިން ބުންޔެވެ.



