އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ’އިމާމުންގ މަހާސިންތާ‘ ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ، މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 508 އިމާމުން ބައިވެރިވި ކަމަށެވެ. 208 އިމާމުން މަހާސިންތާއަށް ހާޒިރުވެ ބައިވެރިވެފައިވާއިރު، އޮންލައިންކޮށް 300 އިމާމުންމަހާސިންތާގައި ބައިވެރިވި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަހާސިންތާއަކީ، އިމާމުންގެ ދައުރު ފުޅާކޮށް، އިމާމުންގެ މެދުގައި ގުޅުން ބަދަހިކޮށް، އިމާމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދާނެ ގޮތް ދެނެގަނެ،މިސްކިތްތައް ބަލަހައްޓާނެގޮތް ބުނެދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ މަހާސިންތާ އެކެވެ. އެހެންކަމުން މި މަހާސިންތާގައި މިފަދަ މައުލޫމާތު ހިއްސާކޮށް، މަޝްވަރާކުރުން ކުރިޔަށް ގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިމާމުންނަށް ރަނގަޅު ތަމްރީން ދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށްވީއިރު، މިހާތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ވަނީ ފުރިހަމަކޮށްފައެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވާލެއްވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ. 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯދާފައިވާއިރު 20 އިމާމުން އިތުރު ތަމްރީން ހޯދާފައިވަނީ ބުރޫނާޢީންނެވެ.މިނިސްްޓްރީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުމެވެ.



