ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދަނިކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން،30 ބިދޭސީއަކު އިމިގްރޭޝަނުން ޑީޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަރުހަލާގެ ތެރެއިން އިމިގްރޭޝަނުން ބަންދުކޮށްފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ބުރާސްފަތި ދުވަހު ޑީޕޯޓްކޮށްފައިވާކަމަށެވެ. އަދި، މި ފިޔަވަޅަކީ އިމިގްރޭޝަންގެ ގާނޫނުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަަވަޅެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ވަނީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް އިމިގްރޭޝަން ގާނޫނާއި،ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ސަރުކާރު އައި ފަހުން މިހާތަނަށް3500 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ. މީގެތެރޭގައި ވޯކްވިސާނެތި މަސައްކަތް ކުރަމުންދާ ބިދޭސީންނާއި، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދާ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް އެކި ބާވަތުގެ ވިޔަފާރި ކުރަމުން އައި ބިދޭސީން ހިމެނެއެވެ.
ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް އެކުވެ، އެކުލަވާލާފައިވާ ޓާސްކްފޯސްއަކުން މިހާރުވެސް ދަނީ މެދު ކެނޑުމެއްނެތި މާލެ ސަރަހައްދުގައި ނުގަވައިދުން ބިދޭސީން އުޅޭ ތަންތަން ރެއިޑްކޮށް، ފިޔަވަޅު އަޅަމުންނެވެ. މި ރެއިޑްތަކުގައި ހައްޔަރުކުރާ މީހުންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި، މިމީހުންނަށް އެހީވަމުންދާ ދިވެހިންނަށްވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފަ އެވެ.




