ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފި އެވެ.
މި މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވީ،މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގަ އެވެ.ބޯޑް މެންބަރުކަމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި، އަޙްމަދު ޢަލީ ޙަބީބު އާއި ޢަލީ ޢިރުފާން އަދި މުޙައްމަދު ޝާހިދުވަނީ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އަންޔަންކޮށްފަ އެވެ. އަދި، ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކްގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:
- އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ
- އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
- އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
- އަލްފާޟިލް ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
- އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:
- އަލްފާޟިލް ޢަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
- އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
- އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ
ބީއެމްއެލްގެ ބޯޑް އެކުލެވިގެންވަނީ، 11 މެންބަރުންގެ މައްޗަށެވެ. އެއީ، ސަރުކާރުން ޢައްޔަންކުރާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ 2 މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 މެންބަރުންނެވެ.



