އަމާޒަކީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 500 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ކުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިމާމުންގެ މަހާސިންތާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅު ގައެވެ.
ވަޒީރު ވިދާޅުވީ، އަމާޒަކީ މި ދައުރުގެ ކޮންމެ އަހަރަކު ރާއްޖޭން ބޭރުން 100 އިމާމުން ތަމްރީން ކުރުންކަމަށާއި ދައުރު ނިމިގެންދާއިރު 500 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ދިނުންކަމަށެވެ.އަދި، 1000 ޒުވާން ޚަޠީބުން މި ދައުރުގެ ތެރޭގައި މައިދާނަށް ނެރުއްވުމަކީވެސް އަމާޒެއްކަމަށް ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މިއަހަރުގެ މިހާތަނަށް ރާއްޖޭން ބޭރުން 60 އިމާމުންނަށް ތަމްރީން ދީފައިވާއިރު، ޒުވާން ޚަޠީބުން ޕްރޮގުރާމްގެ ދަށުން 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އިމާމުންގެ މަހާސިންތާގެ ބޭނުމަކީ އިމާމުންނާއި ވުޒާރާއާއި އެއްތަނަކުން ދިމާވެ ކަންކަމާއި މެދު މަޝްވަރާ ކުރެއްވުންކަމަށާއި، މަހާސިންތާގެ ތެރެއިން ނިންމޭ ކަންކަން ތަންފީޒު ކުރައްވާނެކަމަށެވެ.
މިއަދު ފެށި މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވި އެވެ. މީގެ ތެރޭގައި އޮންލައިންކޮށް 300 އިމާމުންނާއި ހާޒިރުވެގެން ބައިވެރިވާ 208 އިމާމުން ހިމެނެއެވެ. މިއަދު ކުރިއަށްދާ މި މަހާސިންތާގައި 5 ދަންފަޅިއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހެނދުނުގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ. ހެނދުނު ކުރިއަށްދިޔަ ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއި ރިވެތި އަޚުލާޤާއި ގުޅޭ ގޮތުން ސެޝަން ނަންގަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
މަހާސިންތާގެ ތިން ވަނަ ސެޝަންގައި އިމާމުންނަށް ސިވިލްސާވިސް ޤަވާއިދާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު 4 ވަނަ ސެޝަންގައި އޮންނާނީ އިމާމުންނާ ބެހޭ ފިޤުހީ އަދި އިދާރީ އިރުޝާދު ދިނުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަންއެކެވެ. އަދި އެންމެ ފަހު ސެޝަންގައި އޮންނާނީ އިމާމުންނާއެކު މަޝްވަރާ ކުރުމެވެ.
އިމާމުންގެ މަހާސިންތާއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.




