އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މަގުމަތިގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން، “ސްމާޓް ޑްރައިވާސް“ ގެ ނަމުގައި އިއްޔެ ކުރިޔަށްގެންދިޔަ މި ސެޝަންގައި އެޗްޑީސީގެ 23 ޑްރައިވަރުން ބައިވެރިވި އެވެ.
މި ސެޝަންގައި، އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އެކްސިޑެންޓުތަކުން ސަލާމަތްވުމަށް ޑްރައިވަރުންގެ ޒިންމާގެ ތެރެއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ. މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދީފައި ވެއެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ ހިންގަމުންނެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކްސިޑެންޓުތައް މަދުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތެއްކަމަށް ފުލުހުން ބުންޏެވެ.



