އ.ދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ގައުމު ފަޚުރުވެރިވާ މިންވަރަށް ރާއްޖެ ތަމްސީލުކޮށްދެއްވަމުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅު ”އެކްސް“ ގައި ހިއްސާކުރައްވައި، މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރައީސް އދ ގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހި ގައުމު ފަޚްރުވެރިވާ މިންވަރަށް ގައުމު ތަމްސީލުކުރައްވައި،ދިވެހީންގެ އަޑު އުފުއްލަވަމުން ގެންދަވާކަމަށެވެ. އަދި ރައީސް މުއިއްޒުގެ ތަގުރީރުތަކުގެ އެންމެ ޚާއްސައެއް ކަމަކީ ގައުމިއްޔަތު ބިނާ ކުރެއްވުމަށް ދެއްވާ ސަމާލުކަމާއި އަހަމިއްޔަތުކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
“ ދިވެހި ރާއްޖޭގެ މަސްލަހަތާއި، ދިވެހީންގެ އިހުސާސްތަކާއި، ވިންދާ އެއްގޮތަށް، ދިވެހި ގައުމު އިސްކުރެއްވުމުގެ ސަބަބުން، ރައީސް ޑރ. މުއިއްޒަށް އޮންނަ އިތުބާރާއި ޔަގީންކަން އެތައް ގުނައަކަށް އިތުރުވޭ.“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ އިވެންޓެއްގެ ގޮތުން ބައިވެރިވަޑައިގެންފައިވަނީ،“ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް” ސައިޑް އިވެންޓްގަ އެވެ. އެ އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
މިއީ، ރައީސް އދ ގެ އާންމެ މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ. މީގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



