ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރާ ދިސަނަޔަކެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނޫރަ ކުމާރަ ދިސަނާޔަކެ އަށް ތަހުނިޔާ ވިދާޅުވެ ރައީސް ”އެކްސް“ ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޑިސަނާޔަކެގެ ޒައާމަތުގައި،ސްރީ ލަންކާއާއި ދިވެހިރާއްޖޭގެ ޒަމާންވީ އުޚުވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.އަދި އެ މަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އިންތިޚާބީ ރައީސް ދިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 20 އަހަރުވެފައިވާ ޑިސަނާޔަކެއަކީ، އެގައުމުގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. އެހެންނަމަވެސް، އެމަނިކުފާނު އިންތިޚާބުގައި ވާދަކުރެއްވީ ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ޓިކެޓުގަ އެވެ.
އުމުރުން 55 އަހަރުގެ ޑިސާނަޔަކެ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޑިސަނާޔަކެއަށް،5.6 މިލިއަން ވޯޓް ލިބިވަޑައިގެންނެވި އެވެ.
ޑިސެނާޔަކެ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެކަމަށް ބެލެވޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.




