ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ދެމިއޮތް ބަދަހި ގުޅުމުގެ ސަބަބުން، ކުރިޔަށް އޮތްތާނގައި ދެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަން ޔަގީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ވެރިންނަށް ތަހުނިޔާ ވިދާޅުވެ ”އެކްސް“ ގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ ސަޢުދިޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް، ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ސައުދިޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި، މި ދެމިއޮތްް ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމުގެ ޔަގީންކަން އެބަައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.



