އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއަދު ފަތިހު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މަރަދޫ އެތުމާގޭގެ، ގޯތި ތެރޭގައި ހުންނަ އެގޭ މީހުން ގާޑިޔާގެ ވިޔަފާރި ހިންގަމުން އަންނަ ލަކުޑިން ހަދާފައި ހުންނަ ތަނެއްގަ އެވެ.
އެގޭ މީހުން މައުލޫމާތު ދިން ގޮތުގައި، އެހާދިސާ ހިނގީ އެތާނގައި ރޯކޮށްފައި ހުރިި އުއްބަތިއެއް ހަނދާންނެތިގެން ނިއްވާނުލެވި ހުއްޓައި، އުއްބައްތި ވިރި އަލިފާން ހިފައިގެން ކަމަށެވެ. އެނދި ތަނުގައި ވިޔަފާރިއަށް ބޭނުންކުރާ ގިނަ އަދަދެއްގެ މުދާ ގުދަންކޮށްފައި ހުރިކަމަށްވެސް އެގޭ މީހުން މައުލޫމާތު ދިނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަ އެއް ނުވެއެވެ.
އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ރިޕޯޓްކުރީ ފަތިހު 05:46 ހާއިރު އެވެ. އެ ފަޔަރ ސްޓޭޝަނަށް ރިޕޯޓްކުރުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

