ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސް ބޭފުޅުންނާއި މަޝްވަރާކުރައްވައިފި އެވެ.
މިފްކޯގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފަ އެވެ. އަދި މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދުވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. މީގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާއި މެދުވެސް މަޝްވަރާ ކުރެވުނެވެ. ހާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފަ އެވެ.
މިފްކޯއިން ކުރާ ދަނޑުވެރިކަމުން އެކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވި، ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެކުންފުނީގެ ހަރަދުތައް މެނޭޖްކުރެވޭކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.



