ރަސްމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އިސްތިރާޖީ ތަންފީޒުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދާ ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ބޭއްވި މި ބައްދަލުވުމުގައި ރަސްމާލެ ޕްރޮޖެކްޓުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވާފައި ވެއެވެ. އަދި، ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށާއި، ފެންވަރު ރަނގަޅު ގޮތެއްގައި ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން، ރަސްމާލެ މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، މާލެ ސަރަޙައްދުގެ ތަރައްޤީއަށް މި މަޝްރޫޢުން ކުރާނެ އަސަރުތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުއްޠަލިބްގެ އިތުރުން މިނިސްޓްރީގެ އިސް ވެރިންނާއި އެޗްޑީސީގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ”ރަސްމާލެ“ މަޝްރޫއުއަކީ ގިނަ އަދަދެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓެކެވެ.




