ރާއްޖެއާ ސްރީލަންކާގެ ގުޅުން އާލާކުރުމަށް ރައީސް ޑރ. މުއިއްޒާއެކު މަސައްކަތް ކުރެއްވުމަކީ ލިބިގެންދާނެެ އުފަލެއް ކަމަށް ސްރީލަންކާގެ ވެރިކަމާއި މިއަދު ހަވާލުވެވަޑައިގެންނެވި، އެގައުމުގެ އާ ރައީސް އަރޫނާ ކުމާރާ ޑިސެނަޔަކަ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން، ވިދާޅުވެފައިވަނީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި، މެސެޖަށް ޝުކުރު ދަންނަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ރޭ އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި، ވިދާޅުވެފައިވަނީ، ޑިސަނާޔަކެގެ ޒައާމަތުގައި،ސްރީ ލަންކާއާއި ދިވެހިރާއްޖޭގެ ޒަމާންވީ އުޚުވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.އަދި އެ މަނިކުފާނަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
މި މެސެޖާއި ގުޅިގެން ޑިސަނާޔަކެ ޕޯސްޓްކުރި ޝުކުރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ދެގައުމުގެ ތާރީޚީ ޒަމާންވީ ގުޅުން އާލާކޮށް، ސަރަަހައްދީ އެއްބާރުލުމަށް ޑރ. މުއިއްޒާއެކު މަސައްކަތްކުރައްވަން ފުރުސަތު ލިބުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 20 އަހަރުވެފައިވާ ޑިސަނާޔަކެއަކީ، އެގައުމުގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ޓިކެޓުގަ ވާދަކުރައްވައި، އިންތިޚާބު ކާމިޔާބު ކުރެއްވީ،އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޑިސަނާޔަކެއަށް،5.6 މިލިއަން ވޯޓް ލިބިވަޑައިގެންނެވި އެވެ.
ޑިސަނާޔަަކެ މިއަދު ވަނީ ރައީސްކަމުގެ ހުވާކުރައްވައި، މަގާމުގެ ޒިންމާ އުފުއްލަވަން ފަށްޓަވާފަ އެވެ. އަދި، މިއަދު ވަނީ އާ ކެބިނެޓް އެކުލަވާލުމާއި ސަރުކާރުގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވަން ފަށްޓަވާފަ އެވެ.


