އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުވޭތުގެ ވަލީޢަހްދު ޝައިޚް ސަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ކުވޭތާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ޚާއްސަކޮށް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުވޭތުން ދެއްވާ އެހީތެރިކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ކުވޭތުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ކުވޭތުގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވާފައެވެ. މި ބައްދަލުވުން ނިމުނުއިރު، ދެ ޤައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ކުރިމަގުގައި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަތެވެ.


