ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި، ސައޫދީ އަރަބިއާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސައުދީ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ފިސްކަލް ރިފޯމް، ތަޢުލީމް، ޞިއްޙަތު، އިޤްތިޞާދީ ތަރައްޤީ އަދި ޙައްޖުގެ އަޅުކަމާ ގުޅޭ ކަންކަން ހިމެނޭކަން ފާހަގަކުރައްވާފައިވެއެވެ.
ސައުދި އަރަބިއާގެ ހާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، އެ ޤައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ދެއްވަމުންގެންދަވާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވާނެ ކަމަށެވެ.


