ހުއްދަ ނުނަގާ ހުޅުމާލޭގައި ހިޖާމާގެ ފަރުވާދޭ ”ފަޒީސް ހިޖާމާ ކްލިނިކް“ އިން ދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމަށް ފުލުހުން އެ ކްލިނިކް ގެ ވެރިފަރާތަށް އަންގައިފި އެވެ.
ފަޒީސް ހިޖާމާ ކްލިނިކުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ ހިޖާމާ ދިނުމުގެ ހިދުމަތް ދެމުން އަންނަ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ހެލްތު މިނިސްޓްރީ އިންނެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށާއި، ކްލިނިކް ގެ ވެރިފަރާތުން ގާނުނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާ ގެ ފަރުވާ ދިނުމަށް އެ ފަރާތައް އަންގާފައިވާ ކަމަށެވެ. އަދި ހުއްދަތައް ލިބެންދެން، މިހާރު އެ ކްލިނިކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމަށްވެސް ލިޔުމަކުން އަންގާފައިވާނެ ކަމަށް ފުލުހުން ބުންޔެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުޤީގަށް އެ ކްލިނިކުގެ ވެރިފަރާތުން އެއްބާރުލުން ދެމުންދާ ކަމަށެވެ.
ފަޒީސް ހިޖާމާ ކްލިނިކް ބަންދުކުރުމަށް ހެލްތު މިނިސްޓްރީއިން މީގެ ކުރިންވެސް ވަނީ އަންގާފައެވެ.




