ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ހަރަދުތައް މިދިޔަ އަހަރަށް ވުރެ %60 ކުޑަކޮށް، 92 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެނަކައިގެ ހަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށް ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފެނަކައިންވެސް މި އަހަރު ހަރަދުތައް ކުޑަކޮށްފައިވާނެ ކަމަށެވެ.
ފެނަކައިން މިއަދު ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ޖުމްލަ 150.6 މިލިއަން ރުފިޔާ އަށް އަރައެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ފެނަކައިން ހަރަދުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާ އެވެ. މި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ކުންފުނީގެ ހަރަދުތަކުން ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ ފެނަކައިން ވަނީ ސަލާމަތް ކޮށްފައެވެ.
ފެނަކައިން މިއަދު ބުނި ގޮތުގައި އެންމެ ބޮޑު ހަރަދެއް ސަލާމަތްކުރެވިފައިވަނީ، އެ ކުންފުނީގެ ޓްރާންސްޕޯޓް ނުވަތަ ދަތުރުތަކުގެ ހަރަދު ތަކުންނެވެ. އެގޮތުން މިދިޔަ އަހަރު ޓްރާންސްޕޯޓަށް 74.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރު ހަރަދު ކޮށްފައިވަނީ 11.7 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 84 ޕަސެންޓުގެ ކުޑަވުމެކެވެ.

ފެނަކައިގެ އެމްޑީ މުއާޒް ވިދާޅުވީ ދަތުރުތަކަށް މިހާ ބޮޑު ހަރަދެއް ގޮސްފައިވަނީ ކޮންމެ ދަތުރަކަށް ވަކިވަކިން އުޅަނދުތައް ކުއްޔަށް ނަގަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ފެނަކައިގެ ދަތުރުތަކަށް ހާއްސަ އުޅަނދެއް ކުއްޔަށް ހޯދާފައިވާ ކަމަށާއި، ކުރިމަގުގައި ފެނަކައަށް އަމިއްލަ ދޯންޔާއި ލޭންޑިން ކްރާފްޓް ގަންނާނެ ކަމަށް އެ ކުންފުނީގެ އެމްޑީ މުއާޒް ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިގެ އާ މެނޭޖްމެންޓުން އެ ކުންފުންޔާއި ހަވާލުވިއިރު، މިދިޔަ އަހަރު ގިނަ އަދަދެއްގެ ބޭކަރު ހަރަދުތައް އެއްވެސް އުސޫލެއް ނެތި ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ދަތުރުތަކުގެ ޕެޓީ ކޭޝްގެ ގޮތުގައި މިދިޔަ އަހަރު 56،636 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މިހާރު އެމްޑީ މުއާޒް ވިދާޅުވިއެވެ. މި އަހަރު އެމްޑީގެ ދަތުރުގެ ތަކުގެ ޕެޓީ ކޭޝްގެ ގޮތުގައި ފެނަކައިން ހަރަދުކޮށްފައިވަނީ 2375 ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 96 ޕަސެންޓުގެ ކުޑަވުމެކެވެ.
މީގެ އިތުރުންވެސް ފެނަކައިގެ ސީއެސްއާރު، ދަތުރު ޕެޓީ ކޭޝް، އެލަވަންސް އަދި މާކެޓިން ފަދަ ކަންކަމަށް ކުރަމުން އައި ހަރަދުތައް ފެނަކައިން ވަނީ ބޮޑުތަކުން ކުޑަ ކޮށްފައެވެ.
2023 ވަނަ އަހަރާއި އަޅާބަލާއިރު ފެނަކައިން މި އަހަރު ކުޑަކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް:
- ޖުމްލަ: 150.6 މިލިއަން އިން 59.9 މިލިއަނަށް ކުޑަ ކުރެވިފައި
- ސީއެސްއާރު: 9.3 މިލިއަން ރުފިޔާ އިން 174،700 ރުފިޔާއަށް ކުޑަކުރެވިފައި
- ޓްރާންސްޕޯޓު: 74.7 މިލިއަން ރުފިޔާ އިން 11.7 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައި
- މެނޭޖްމެންޓުގެ ރާއްޖެއިން ބޭރުގެ ދަތުރުތަށް: 799،816 ރުފިޔާ އިން 245،899 އަށް ކުޑަ ކުރެވިފައި
- މުވައްޒަފުންގެ އެލަވަންސް: 53.5 މިލިއަން ރުފިޔާއިން 41.8 މިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައި
- ފުރަމާނަ ލޯންޗު ދަތުރުތައް: 5.4 މިލިއަން ރުފިޔާއިން 2.5 މިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައި
- އެމްޑީގެ ޕެޓީ ކޭޝް: 56،636 ރުފިޔާ އިން 2375 ރުފިޔާއަށް ކުޑަކުރެވިފައި
- ދަތުރު ޕެޓީ ކޭޝް: 2.7 މިލިއަން ރުފިޔާ އިން 1.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައި
- އިވެންޓުތައް: 547،047 ރުފިޔާ އިން 372،657 ރުފިޔާއަށް ކުޑަ ކުރެވިފައި
- ޕްރިންޓިން / ސްޓޭޝަނަރީ: 600،177 ރުފިޔާ އިން 533،806 ރުފިޔާއަށް ކުޑަ ކުރެވިފައި
- މާކެޓިން ހަރަދުތައް: 1.6 މިލިއަން ރުފިޔާ އިން 566،673 ރުފިޔާއަށް ކުޑަކުރެވިފައި



