އދއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ދެއްވި ތަޤުރީރުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. އެގޮތުން، ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްޢިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް“ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
”މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފަ އެވެ. އެ ޖަމްޢިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ، ޙަޤީޤީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އދ. އަކީ ސުލްޙައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ޙަރަކާތަށް ގޮވާލައްވާފަ އެވެ.




