ކުޑަކުދިންގެ ތެރޭގައި ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް(އާރުއެސްވީ) ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ، މި ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި،މި ދަނޑިވަޅުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާކަމަށެވެ.
މި ވައިރަސްއަކީ އާންމުގޮތެއްގައި ކުޑަކުދިންގެ މެދުގައި ފެތުރޭ ވައިރަސްއަކަށްވުމާއެކު، އެ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ. އެގޮތުން،އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، އަތްދޮވުމާއި، ތޮތްޖެހިފައިވާ ތަންތަނަށް ކުޑަކުދިން ނުގެންދިއުން އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ.
އާރުއެސްވީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ހިމެނެއެވެ. މިފަދަ އާލާމަތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިރުޝާދު ދީފައި ވެއެވެ. އެޗްޕީއޭއިން ބުނީ، އަވަހަށް އެ ވައިރަސްއަށް ޑައިގްނޯޒްކޮށް، ފަރުވާ ދެވިއްޖެނަމަ ނަތީޖާ ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވޭނެކަމަށެވެ.
ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރްއެސްވީ)އަކީ ނޭވާލާ ނިޒާމަަށް ޖެހޭ އާންމު ވައިރަސް އެކެވެ. އާންމުކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ މި ވައިރަސްގެ ސަބަބުން، ނޭފަތާއި ކަރުތެރެއާއި ފުއްޕާމޭ އިންފެކްޓްވާގޮތް ވެއެވެ.
އާރުއެސްވީގެ އަލާމާތްތަކުގެ ސަބަބުން އާންމު ހުން ނުވަތަ ނޭވާލާ ނިޒާމުގެ އެހެން ވައިރަސް (ފްލޫ ނުވަތަ ކޯވިޑް-19 ފަދަ) އާއި ވަކިކުރަން ދަތިވެއެވެ. އާރުއެސްވީ ފެތުރެނީ ނޭވާލާ ނިޒާމުގެ އެހެން ވައިރަސްތައްވެސް ބޮޑަށް ފެތުރޭ ފިނި މޫސުމުގަ އެވެ. އާންމުކޮށް މި ވައިރަސްގެ ކޭސްތައް ގިނަވަނީ ޑިސެމްބަރު އަދި ޖެނުއަރީ މަހުގެތެރޭގައި ކަމަށް މާހިރުން ބުނެފައި ވެއެވެ.




