ދިވެހިރާއްޖޭގައި ޕޭ ޕަލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑް ގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތާރީފުކުރައްވާފަ އެވެ. އަދި މި ފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވި އެވެ. ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުޞަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަޤީންކަންއަރުވާފަ އެވެ.




